މި އަހަރު ނިމުމުގެ ކުރިން ތ. ވިލުފުށީގެ ހައުސިން ޔުނިޓްތަކުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ގާއިމުކޮށް، އެ ތަނުގައި ދިރިއުޅެވޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން އެ ރަށުގައި އަޅާފައިވާ ހައުސިން ޔުނިޓްތަކަކީ އެތައް ޒަމާނެއް ވަންދެން ދިގުލައިގެން ގޮސްފައިވާ މަޝްރޫޢުއެއް ކަމަށެވެ. އަދި މިހާތަނަށް އެ ތަނުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
"އެތަނަށް ވަދެ ބަޔަކަށް އުޅެވޭނީ މި ދެންނެވި ކަންކަން ނިމިގެން. ސަރުކާރުން ވަރަށް އިސްކަމެއް ދެން އެ ޚިދުމަތްތައް ނިންމުން އަވަސްކުރަން. އެކަން އެންމެ ލަސްވެގެން ބާކީ އޮތް 3 މަސް ތެރޭ ނިންމާ، ކައުންސިލުން ބޭނުންވާ ގޮތަކަށް، އިޢުލާންކޮށްގެން ގެތަކަށް ކުރިމަތިލާނެ މީހުން ހޮވާ އިޢުލާން ކުރާނެ," ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އަމިއްލަ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް އަންނަ އަހަރު އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް އިޢުލާން ކުރެއްވިއެވެ.
އަދި ވިލުފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ހޮސްޕިޓަލް މަޝްރޫޢު، މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި، ފުޓްސަލް އަދި ހޭންޑްބޯޅަ ކޯޓު އެޅުން، އަދި ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރުން ހިމެނެއެވެ. އަދި ރަށުގައި ވަދު ކަނދުފަތި އެޅުމުގެ މަސައްކަތްވެސް ތިން މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




