އެސްޓީއޯއިން ރާއްޖެއަށް މިރުސް އެތެރެކުރިނަމަވެސް، ކަނޑޫދޫގެ ދަނޑުވެރިންނަށް އޭގެ ސަބަބުން ގެއްލުން ނުވާނޭކަން ޔަޤީންކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ ރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމަށެވެ. އަދި މިހާރު އެ މަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރު ޢަމަލުކޮށްފައިވާ ގޮތް ބަލާ، ކޮންޓްރެކްޓް ބާތިލުކޮށް، އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރާނެކަމަށް ވިދާޅުވިއެވެ.
"ކޮންޓްރެކްޓަރ ޓަރމިނޭޓްކޮށް އެމްޓީސީސީއާ މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ، 4 މަސްތެރޭގައި ހެލްތް ސެންޓަރުގެ މަސައްކަތް ނިންމާނަން. ކްލާސްރޫމާ، ލެބޯޓްރީ އަދި ސްކޫލަށް ބޭނުންވާ ޖާގައާ ވަސީލަތް އިތުރުކުރުމުގެ މަސައްކަތްވެސް 4 މަސްތެރޭ ފަށާނަން" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ އާމްދަނީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މިރުހުގެ ބާވަތް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ނިންމިނަމަވެސް، ރަށުގެ ދަނޑުވެރިންނަށް އޭގެ އެއްވެސް ގެއްލުން ނުވާނެގޮތަށް ގެންދާނީ. އެސްޓީއޯއަށް ގަނެވޭނެ ގޮތްވެސް ހަދާނަން. އެއްގޮތަކަށްވެސް ދަނޑުވެރިން މި ނިންމުމާމެދު ކަންބޮޑުވާން ނުޖެހޭނެކަމުގެ ޔަގީންކަން ދެން" ކަމަށެވެ.
މި ބައްދަލުވުމުގައި ކަނޑޫދޫގެ ތަރައްޤީގެ މުހިންމު ތިން މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ބަނދަރުގައި ވަކި ޖެޓީއެއް ގާއިމުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު އަދި މަގު ހެދުމުގެ މަޝްރޫޢު ހިމެނެއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޮއިކުރެއްވިއެވެ.



