ކަކޮޅަހުން މިހާރަށްވުރެ ބޮޑަށް ވަންދުއަށް މަންފާ ލިބޭގޮތް ހަމަޖައްސައިދޭނަން: ރައީސް

ތ. ކަކޮޅަސް ވަންދޫއާ ހަވާލުކުރެވިގެންދިއުމަކީ ރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތްތަކެއްކަމަށާއި، އެއްބަސްވުން އިތުރަށް ފުޅާކޮށް ރަށުގެ މަންފާ މިހާރަށްވުރެ ބޮޑަށް ވަންދުއަށް ލިބޭގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުން މިވަގުތަށް އެންމެ ބޭނުންވާ މަސައްކަތަކީ ބަނދަރުގެ މައްސަލަ ޙައްލުވުންކަމަށްވާއިރު، މި ދަތުރުގައި ސޮއިކުރި އެއްބަސްވުމާއެކު ބަނދަރުގެ މައްސަލަ އެއްކޮށް ޙައްލުވާނެކަމަށެވެ. އަދި މިއާއެކުއެކީގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

"އިތުރު ލުއިތައް އަދި ހެޔޮ ބަދަލުތައް އެއްބަސްވުމަށް ގެންނާނަން. އަދި އެރަށުން ކައުންސިލަށް އިތުރު ފައިދާތައް ހޯދޭނެ ގޮތްތައް އޮތްތޯ ބަލާ، އެކަމަށް ފަހިކޯށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، ވަންދޫގައި ފަށާފައިވާ މިސްކިތުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރާނެއެވެ. މީގެއިތުރުން ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ފެނަކައާ ހަވާލުކޮށް، ލައިޓް ޖަހައި ޓާފު އެޅުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.

ރަށުގެ ތަރައްޤީއަށް ރޭވިފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ސިއްޙީ މަރުކަޒު ތަރައްޤީކުރުމާއި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މިއަހަރު ފެށުން ހިމެނެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގެ މަގުތައް ތަރައްޤީކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކަކާއި ޖިމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ