އަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށާއި، އެކަމަށް ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އަތުން ހިފޭ ތަރައްގީއާއެކު އަތުން ނުހިފޭ ތަރައްގީއަށްވެސް ސަމާލުކަންދޭން ޖެހެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް ރާއްޖެ އެކުވެރި، އަދި އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި އޮތީ އިސްލާމްދީނުގެ ސަބަބުންނެވެ.
"ދުނިޔޭގެ ޖެހޭ ވަޔާއި އޮޔާއި މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކުދިން ޣަރަގުވާން ދޫކޮށްލައިފިކަމަށްވެއްޖެއްޔާ ބޭނުމެއް ނެތް މިތާ ކިތަންމެ ވަރަކަށް ބިން ހިއްކާ، ހޮސްޕިޓަލް އަޅައި، އެތައް ކަމެއް ކުރިޔަސް," ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މިހާތަނަށް ހާސިލުކުރެވުނު ކަންތައްތަކުގެ ތެރޭގައި 74 ހާފިޡުން ތަމްރީނު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވަޤުފު މަޝްރޫޢުތައް އިތުރުކުރެވި، ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވަޤުފު އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ފާހަގަކުރެއްވިއެވެ.
ޒުވާން ޚަތީބުން އުފެއްދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500 ޒުވާން ޚަތީބުން އުފައްދާފައިވާއިރު، އަންނަ އަހަރު އެ އަދަދު 1000 އަށް އިތުރުކުރުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކޮށް، އެކި ސަރަހައްދުތަކުގައި އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.




