ރަށެއްގެ އިޙްތިޞާސުން ފަޅުރަށެއް ވަކިކޮށް ރިސޯޓް ތަރައްޤީކުރާނަމަ އޭގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތަށް، ޤަނޫނަށް ބަދަލު ނުގެނެސް ޤަވައިދުގެ ތެރެއިން އެކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މިހާރު ޤާނޫނު އޮންނަގޮތުން އިޙްތިޞާސްގައި އޮންނަ ރަށެއްގައި ރިސޯޓް ތަރައްޤީކޮށް ނުހިންގޭނެ ނަމަވެސް، ސިޓީ ހޮޓާ ނުވަތަ ގެސްޓް ހައުސް ވިޔަފާރިއަށް އެފަދަ ރަށްތައް ދޫކުރެވޭނެކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ބައެއް ކައުންސިލްތަކުން އެދިގެން އެރަށްރަށުގެ އިޚްތިޞާސުން ވަކިކޮށް، މިހާރުވެސް ތަރައްޤީކުރަން ދީފައިވާކަމަށާއި، އޭގެސަބަބުން ވަޒީފާއާއި އިޤްތިޞާދީ މަންފާތައް ރަށަށް ލިބުނު ނަމަވެސް، ރިސޯޓު ތަރައްޤީކުރަން ދޭ ރަށްތަކުން ކައުންސިލަށް މަންފާއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުން މުހިއްމުކަމަށް ވިދާޅުވިއެވެ.
"މި ރަށުގެ އިޙްތިޞާސުގަވެސް ދެ ރަށް އެބައޮތް. ޤާނޫނު ބުނަނީ އިޙްތިސާސުގައި ބާއްވައިގެން ރިސޯޓް ތަރައްޤީނުކުރެވޭނެކަމަށް. ކައުންސިލުތަކަށް ފައިދާއެއް ލިބިދޭނެގޮތަށް ބަދަލުކުރެވިދާނެތޯ، އެކަމާމެދު ގޮތެއް ނިންމި އޮތީ. އުސޫލަށް ބަދަލުގެނެސް، ކައުންސިލްތަކަށް މަންފާއެއް ލިބޭނެ ގޮތް ހަދޭތޯ އޮތް ފުރުޞަތު ދަނީ ބަލަމުން،" ރައީސް ވިދާޅުވިއެވެ.
އޮމަދޫގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، އެ މަސައްކަތް ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްގެން އަވަސްކުރައްވާނެކަމަށެވެ. އަދި ހުއްޓިފައިވާ ސްކޫލްގެ މަސައްކަތްވެސް އަވަސްކޮށް، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މަގުހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެވި، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި، ވޮލީ ކޯޓް އެޅުމާއި، އިތުރު މިސްކިތެއް އެޅުމާއި، ސިއްޙީ މަރުކަޒުގެ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށާއި، އަހަރު ނިމުމުގެ ކުރިން އެމްބިއުލާންސްއެއްވެސް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.



