ކިނބިދުއާއި ވޭމަންޑޫ ކޯޒްވޭއާއެކު އިޤްތިޞާދީގޮތުން ރަށާއި އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ: ރައީސް

ކޮޅުމަޑުލު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުން އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ކިނބިދޫއާއި މުޅި އަތޮޅަށްވެސް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ފާހަގަކުރެއްވީ ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވިގޮތުގައި މި މަހުގެ 22 ވަނަ ދުވަހު މި މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާއިރު، މިހާރުވެސް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި، މި މަޝްރޫޢު ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢާ އެކުގައެވެ.

"ކޯޒްވޭއާއެކު ބޮޑެތި ތަރައްޤީތަކެއް އަންނާނެ. މި މަޝްރޫޢު ހަގީގަތުގައިވެސް ފުއްދައިދޭނެކަމުގެ ޔަގީންކަން ދެން. ސަރަޙައްދީ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫޢަކަށް މި މަޝްރޫޢުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ހާމަކުރެއްވި ގޮތުގައި ކިނބިދޫގައި ހިއްކާފައިވާ 25 ހެކްޓަރުގެ ބިން ތަރައްޤީކުރުމަށް މުހިންމު ޕްލޭންތައް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭނެއެވެ. އަދި ހިއްކާފައިވާ ބިން ހިމާޔަތްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމާއި، ފުލުހުންގެ މަރުކަޒާއި، މަގުހެދުމުގެ މަސައްކަތްތަކުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މީގެ ތެރޭގައި ފުޓުބޯޅަ ދަނޑު ވަށައި ފެންސްޖެހުމާއި، ލައިޓް ހަރުކުރުމާއި، ސިޑިބަރިއާއި ޗޭންޖިންގ ރޫމް ހިމެނޭ ގޮތަށް ފުޓްސަލް ދަނޑުގެ ޓާފު ބަދަލުކުރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ