ކާބޯތަކެތީގެ ރައްކާތެރިކަމުގެ އައު ޤާނޫނުގެ ދަށުން، ހުއްދަ ނެތި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކޮށް، އެ ތަންތަނުގެ މަޢުލޫމާތު އާންމުކުރާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހާމަކޮށްފިއެވެ.
އެފްޑީއޭގެ ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންސްޕެކްޝަންތައް މިއަހަރު ވަނީ އައު ޤާނޫނާ އެކު ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. "ޤާނޫނު ވުޖޫދަށް އައުމުން ހުރިހާ ތަނެއް މި ޤާނޫނުގެ ދަށުން ރެޖިސްޓަރ ކުރަންޖެހޭ. އެހެންވީމަ ތަންތަން ގަވައިދާ އެއްގޮތަށް ރެޖިސްޓަރކޮށްފައިވޭތޯ ބަލާނެ," އޭނާ ވިދާޅުވިއެވެ.
މި އިންސްޕެކްޝަން ޕްރޮގްރާމް ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދަނީ މި މަހުގެ 21 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެފްޑީއޭ، ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، ކާބޯތަކެތި ވިއްކާ ތަންތަން ރަޖިސްޓަރީކޮށް ޚާއްސا ލައިސަންސެއް ނެގުމަކީ މިހާރު ލާޒިމު ކަމެކެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އިހުމާލުގެ ކުޑަބޮޑުމިނަށް ބަލައި، 10,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
އިންސްޕެކްޝަންގައި ތަންތަނުގެ ރަޖިސްޓްރޭޝަނާއި، ހުއްދައިގެ މުއްދަތު އަދި އާންމު ސާފުތާހިރުކަން ބަލާ ޗެކުކުރާނެ ކަމަށް އެފްޑީއޭއިން ބުނެފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް ހިންގާ ތަންތަން ބަންދުކުރުމާއެކު، އެ ތަންތަނުގެ މަޢުލޫމާތު އާންމުކޮށް ޝާއިޢުކުރެވޭނެއެވެ.