ގެދޮރު ބިނާކުރުމަށް ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކު ލޯނު ދޫކުރަން ނިންމައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. މި މަސައްކަތުގެ ދަށުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ ތަފާތު އެކި މަޝްރޫޢުތައް ހިންގެވުމުގެ އިތުރުން، ލޯނު ސްކީމްތައްވެސް ތަޢާރަފްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

"ސަރުކާރުން 5 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއް އިންނަ ލޯނު ސްކީމެއް މިއަހަރު އަލަށް މި ފަށައިގަތީ. މިއީ ކޮންމެ އަހަރަކު ކުރިއަށްދާނެ މަޝްރޫއެއް. ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް އެޔަށް އެޕްލައިކޮށް އެ ފުރުސަތު އޮތް މިންވަރަކަށް ލޯނަށް ހުށަހެޅޭނެ ލޯނު ސްކީމެއް އެއީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 1 މިލިޔަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ ސްކީމެއް ބީއެމްއެލުން ކުރިން ތަޢާރަފްކޮށްފައިވެއެވެ. އަދި މިއަހަރުގެ ފެބްރުއަރީމަހު އެއަދަދު 2 މިލިޔަން ރުފިޔާއަށް އިތުރުކޮށްދެއްވާފައިވާއިރު، މިހާރު އެ އަދަދު 3 މިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

"ދެން މިހާރު މިކަން ވާނީ އިތުރަށް ލުއިކޮށްދީފަ. މިހާރު ބޭންކުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓާ ގެދޮރު ބިނާކުރުމަށް 3 މިލިޔަން ރުފިޔާއާއި ހަމައަށް ބޭންކުން ލޯނު ދޫކުރަން. މީގެ ދެދުވަހެއްހާކުރިން ބޭންކްގެ ބޯޑުންވާނީ މިކަން ނިންމާފައި. އަދި މިލޯނުތަކަށް އެޕްލައިންކުރަން ވަރަށް އަވަހަށް ހުޅުވާލާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭންކުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ