ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ރައީސް ނިންމަވައިފި

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މުސާރަ ބޮޑު ނުވާ ސިވިލް ސަރވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލުގެ ތެރެއިން މި ބަދަލު ގެންނަވާއިރު، މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ނިންމަވާ އިޢުލާނު ކުރައްވާފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. "މިއަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރެވޭނެ" ކަމަށް ރައީސް ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

މި ސަރުކާރުގެ ދައުރުގައި މިހާތަނަށް ސިފައިންނާއި ފުލުހުންގެ މުސާރަ ވަނީ ބޮޑުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސް ރަސްމީ މުސާރައިގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް އެންމެ ފަހުން ބޮޑު ބަދަލެއް ގެނެސްފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެކި ނަންނަމުގައި އެލަވަންސްތައް ދިން ނަމަވެސް، އެކަށީގެންވާ ގޮތުގައި މުސާރައަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ. ނަމަވެސް، ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2022 ވަނަ އަހަރު ވަނީ ނަރުހުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ.

މުސާރަ ބޮޑުކުރުމުގެ މި އައު ނިންމެވުމާއެކު، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ތަފާތުތައް ކުޑަވެ، ދިރިއުޅުމުގެ ޚަރަދުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ