ފިނޭންސް މިނިސްޓްރީ ދެމުންދާ ހަ ހިދުމަތެއް ޒަމާނީކޮށް އަލުން ތައާރަފުކޮށްފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަގުސަދުގައި ތައާރަފުކުރި މި ހަ ޚިދުމަތް ތައާރަފުކޮށްދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ތައާރަފު ކުރި ހަ ހިދުމަތުގެ ތެރޭގައި ހިމެނެނީ، އެސްއެމް އެސް، އީމެއިލް ޕޯޓަލް، ޕޭރޯލް ރަޖިސްޓަރ، އެސްއޭޕީ ޔޫސަރ ފޯމް އާއި އެސް އޯ އީ ގޭޓްވޭގެ އިތުރުން ޕީބީސީ އަދި ޕީއެސްއައިޕީ ޕޯޓަލްއެވެ.
އެސްއެމްއެސް އާއި އީމެއިލްގެ ޚިދުމަތަކީ، ދަޢުލަތުން ފައިސާ ދޭންޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެސްއެމްއެސް އާއި އީމެއިލްގެ ޒަރީއާއިން އަންގައިދޭ ޚިދުމަތަކަށްވާއިރު، ޕޭރޯލް ރަޖިސްޓަރގެ ހިދުމަތުން ދައުލަތުން މުސާރަ ދޭންޖެހޭ ހުރިހާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ ބެލެހެއްޓޭނެއެވެ.
އެސްއޭޕީ ޔޫސާ ރިކުއެސްޓް ފޯމަށް ގެނައި ބަދަލާ އެކު ދަޢުލަތުގެ މުއައްސަސާތަކުން ޔޫސާ ރިކުއެސްޓް ފޯމު ފޮނުވުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވައި، ފޯމުގެ ކޮންމެ މަރުހަލާއެއްގެ ސްޓޭޓަސް އަޕްޑޭޓް ބެލޭއިރު، ބަޖެޓު އެކުލަވާލުން ޒަމާނީކޮށް އެކުލަވާލާ އެސްއޭޕީ ސިސްޓަމް އިން ސަރުކާރުގެ އޮފީސް ތަކެއް ލައިވް ކޮށް ފެންނަ ގޮތް ހަމަޖެއްސޭނެއެވެ.
ޒަމާނީ ފެންވަރަށް ގެނައި އެސްއީގެޓްވޭއަށް ބަލާލާއިރު، މި ހިދުމަތް މެދުވެރިކޮށް ދައުލަތުގެ ކުންފުނިތަކުގެ މައުލޫމާތު އެއްތަނަކުން ލިބުމުގެ އިތުރުން، ކުންފުނިތަކުގެ މައުލޫމާތުތަކުގެ ތެރެއިން ރައްޔިތުން ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީ މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ދައުލަތުގެ ކުންފުނިތަކާއި މިނިސްޓްރީއާ ދެމެދު ބަދަލު ކުރެވޭ މަޢުލޫމާތު މި ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވޭނެއެވެ.
މީގެ އިތުރުން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ދާގޮތުގެ އެންމެ ފަހުގެ މަޢުލޫމަތު އެއްތަނަކުން ފެންނާނެ ޕޯޓަލް ލައިވް ކުރުމަކީވެސް ފިނޭންސް މިނިސްޓްރީން މިއަދު ގެންނެވި ޒަމާނީ ތަރައްޤީގެ އާ ބޮޅެކެވެ.




