ފެނަކައިގެ ޚިޔާނަތާ ގުޅޭ 161 މައްސަލައެއް އޭސީސީން އަންނަނީ ތަޙްޤީގުކުރަމުން

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު 161 މައްސަލައެއް ތަޙްޤީގުކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން އޭސީސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ އެ ކޮމިޝަނުން މިހާރުވެސް ތަޙްޤީގުކުރަމުންދާ މައްސަލަތަކެކެވެ. މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާ ކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މީގެ ތެރެއިން ބައެއް މައްސަލަތަކުގައި ދަޢުވާކުރެވި، މިހާރު ހުކުމްވެސް ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ފެނަކައާ ގުޅޭ އެކި މައްސަލަތައް ތަޙްޤީގުކުރުމަށްފަހު، 21،458،280.86 ރުފިޔާ (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހުކުރުމަށް އޭސީސީން ފެނަކައަށް އަންގާފައިވެއެވެ. މީގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، އަދި ކުންފުނިން ބަލައި ތަޙްޤީގުކުރަންޖެހޭ 8 ކަމެއް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ