ފެނަކައިގެ ޚިޔާނާތް ހަމައެކަނި ކުންފުނީގެ ވެރިންގެ ބޮލަށް ނުޖެހޭނެ، މިއީ މުޅި އެމްޑީޕީގެ ހިއްސާއޮތްކަމެއް: ޝުޖާއު

ފެނަކަ ކޯޕަރޭޝަންގެ 2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައަކީ ހަމައެކަނި ކުންފުނީގެ ވެރިންގެ ބޮލުގައި އަޅުވައިގެން ނިންމާލެވޭނެ މައްސަލައެއް ނޫންކަމަށާއި، މިއީ މުޅި އެމްޑީޕީގެ ލީޑަރޝިޕް ޝާމިލުވާ ގޮތަށް ރާވައިގެން ހިންގާފައިވާ ޚިޔާނާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ފެނަކައަކީ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ވައްކަންކުރުމަށާއި ޚިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ކުންފުންޏެއްކަމަށެވެ. އަދި މި މައްސަލައިގައި އޭރުގެ އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގައި މި ވާހަކަތައް ދެއްކިކަމަށް ފާހަގަކުރެއްވިއެވެ.

"މީގެ ނަތީޖާއަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަޤާމުން ދުރުކުރި. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ޕާލަމެންޓުން މި ވާހަކަ ދެއްކީތީ،" ޝުޖާއު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވައްމުލަކު ސިޓީގެ މޭޔަރު ޝިއުނާ މުޙައްމަދުގެ ޓީމުން ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރުންގެ ސަމާލުކަމަށް ގެނައުމުން މުޅި ޓީމު ވަޒީފާއިން ވަކިކުރިކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ހާމަވެފައިވާ ގޮތުގައި ބިޑު ކުރުމަކާ ނުލައި އެތައް މަޝްރޫއެއް މަސްލަހަތު އޮތް ކުންފުނިތަކަށް ދީފައިވާއިރު، ވުޖޫދުގައި ނެތް ކުންފުނިތަކަށް މާކެޓް އަގަށްވުރެ ބޮޑެތި އަގުތަކުން ޗާޖުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ދެން އަންނަ ދައުރަކަށް މަޑުނުކުރާނެކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ