ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހީންގެ އާދަކާދަ ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހީންގެ ރީތި އާދަކާދަ ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. މިއަދު ފާހަގަކުރެވޭ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މި އިލްތިމާސް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި މި ދުވަހުގެ ތަހުނިޔާ އެ ސިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފޮނުއްވައި، އެ ފަރާތްތަކުގެ އަގުހުރި ޚިދުމަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުން ފެށިގެން މި ދުވަސް ފާހަގަކުރަމުންދަނީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަހާ ގުޅުވައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ 1972 ވަނަ އަހަރުއެވެ. އޭގެފަހުން ރާއްޖެއިން ވަނީ މި ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން، މިއަދު ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް މަންޒިލުގެ ގޮތުގައި ވަނީ ރެކޯޑުތަކެއް ޤާއިމުކޮށްފައެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 2020 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ފަސް އަހަރު ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލުގެ މަޤާމު ދިފާޢުކުރުން ހިމެނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ