ކޮންމެ ބްރޯޑްކާސްޓަރެއްގެ ޢަޒުމަކަށްވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ ޕްރޮގްރާމްތައް ގެނެސްދިނުން: ރައީސް

ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރެވޭ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭންޖެހޭ ޚިދުމަތެއްކަމަށެވެ.

"ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުމާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައި ރޭޑިއޯގެ ޚިދުމަތާ އެކުގައެވެ. އަދި ޓީވީގެ ޚިދުމަތް ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހު ޓީވީ މޯލްޑިވްސްގެ ނަމުގައެވެ. މި ދާއިރާ އަމިއްލަ ފަރާތްތަކަށް ހުޅުވާލެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

ޤައުމީ ފެންވަރެއްގައި ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ