ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި މިއަދު ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފެށުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވިލިނގިލީ ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީންއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާއި، ގއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ވިލިނގިލިން ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެއް ކަމަށެވެ. ނަމަވެސް މި އަމާޒަށް ވުރެ އަވަހަށް މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



