ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ގއ. ވިލިނގިއްޔަށް އެރުމަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އެޅުމަށް އެ އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.
ގއ. އަތޮޅު ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ގދ. ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވި އުމުރުން ދުވަސްވީ ބަލިމީހަކު މިއަދު ގއ.އަތޮޅު ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެނައުމަށް ކުރި މަސައްކަތަށް ހުރަސްއަޅައި، ވިލިގިއްޔަށް އަރުވަން ވިލިނގިލީގެ މަދު ބަޔަކު ނުކުމެ މަސައްކަތް ކޮށްފައިވާތީ އެކަން އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީ އިން ހުވަދުއަތޮޅުން ކޮވިޑް-19އަށް ފައްސިވާ ބަލިމީހުންނަށް ފަރުވާ ދެވެންޖެހޭނެކަމަށާއި، އަދި މިހާރު ހަމަޖެހިފައިވާ އުސޫލުން ކޮވިޑް-19އަށް ފައްސިވާ އުމުރުން 65 އަހަރުން މަތީ މީހުންނާއި، މިބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާދޭން ޖެހޭނީ ކޮވިޑަށް ޚާއްސަ ކުރެވިފައިވާ ފެސިލިޓީއެއްގައިކަމަށްވުމުން، 29 އޮގަސްޓް 2020 ވަނަ ދުވަހު ގދ. ތިނަދޫއިން ކޮވިޑް-19އަށް ފައްސިވި އުމުރުން ދުވަސްވީ ބަލިމީހާއަށް ގއ.ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީން ފަރުވާދެވެންޖެހޭނެކަމަށް ޤަބޫލުކުރާކަމަށްވެސް އެކައުންސިލްގެ ބަޔާނުގައި ވެއެވެ.
އެކައުންސިލުން ވިދާޅުވީ، މިއަދު ވިލިނގިލީގައި މަދު ބަޔަކު ނުކުމެ ހިންގާފައިވާ ނާތަހުޒީބީ އަދި ލާއިންސާނީ އަމަލު ކުއްވެރިކޮށް މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އެމީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށެވެ.
ތިނަދޫއަށް ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ