ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންތަކެއްގެ ގޮތުގައި ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތައް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅާ އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ. މި މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ބޮޑެތި އިނާމުތަކެއް މިއަހަރު ވަނީ ދެއްވާފައެވެ.
"ހެޔޮގޮތުގައި ދިއުމުގައި ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ކަމެއް. ތަގުވާވެރިކަމުގެ ގޮތުން ނޫން ކަންކަމުގައި ވާދަވެރިކަން އޮވެގެން ނުވާނެ. އެންމެ މަތިވެރި އިނާމު ލިބެންވާނީ ޤުރުއާން ކިޔަވައިގެން ލިބޭ ވަނައަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބެލެނިވެރިންނާއި، ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުންވެސް އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާ އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލުކަންދޭ ދަރިންތަކެއް އުފެއްދުމަށްކަމަށެވެ. އަދި ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ޤުރުއާން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގެ ގޮތުގައި ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފައިވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެނަމަ، ޤައުމުގައި ފާގަތިކަމާއި އަމާންކަން ނޯންނާނެކަމަށެވެ. އިންސާނާގެ ސިކުނޑިއާއި ހިތާއި ޢަމަލުން އަންނަ މި ތަރައްޤީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްޤީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނައި، އަމަލާއި ބަހުގެ މައްޗަށް ބިނާކޮށް، އިސްލާމީ މަގުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ވިސްނުންކަމަށް ރައީސް ވިދާޅުވިއެވެ. މި މަޤްޞަދު ޙާޞިލުކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެން ކުރިއަށް ދިއުމުން ކަމަށާއި، ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ޙަޤީޤީ ބަދަލެއް ގެނެވޭނީ އަމިއްލަ ޚިޔާލާއި ވިސްނުމާއި ފިކުރާއި ޢަމަލުތައް ތަރައްޤީކޮށް، ދާންވީ މަގު ސާފުވެގެން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.




