ކަޒަކިސްތާން ސަފީރަކަށް އަޒީމާ، މޮރިޝަސްއަށް މަސްޢޫދު އައްޔަން ކުރައްވަން ފާސްކޮށްފި

ދިވެހިރާއްޖޭން ކަޒަކިސްތާނާއި މޮރިޝަސްއަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މިގޮތުން ކަޒަކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އައިޝަތު އަޒީމާ އާއި މޮރިޝަސްއަށް ކަނޑައަޅުއްވާ ސަފީރަކަށް ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މަސްޢޫދު އިމާދު އައްޔަން ކުރެއްވުމަށް ވަނީ ފާސްކޮށްފައެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު މި ނަންފުޅުތައް ފޮނުއްވާފައިވަނީ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށެވެ.

މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ނިންމެވީ ދެ ބޭފުޅުންނަށްވެސް ރުހުން ދިނުމަށް ފެންނަ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

ޤާނޫނީ ގޮތުން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްފަހުގައެވެ. މިއަދުގެ މި ފާސްކުރުމާއެކު، ކަޒަކިސްތާނާއި މޮރިޝަސްއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި މި ދެ ބޭފުޅުން އައްޔަން ކުރެއްވުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ