މޮރިޝަސްގެ ގޮނޑުދައްތަކަށް މަރުވެފައިވާ ގިނަ އަދަދެއްގެ ކޯމަސް ލައްގައިފިއެވެ. މިގޮތުން މިހާތަނަށް 17 ކޯމަސް މަރުވެގެން ލައްގައިފައިވާކަމަށް މޮރިޝަސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާ ގިނަ އަދަދަކަށް ކޯމަސް މަރުވެ މޮރިޝަސްގެ ގޮނޑުދައްތަކަށް ލައްގަމުން މިދަނީ މޮރިޝަސްގެ ފަރަށް އަރާފައިވާ ޖަޕާނުގެ ބޯޓު ދެބުރިވެ ގިނަ އަދަދަކަށް މޫދަށް ތެޔޮ ބޭރުވުމާއި ގުޅިގެންނެވެ.
ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފައިވަނީ މިހާ ގިނަ އަދަދަކަށް މީގެކުރިން ކޯމަސް މަރުވެފައި ނުވާކަމަށާއި ކޯމަސް މަރުވާން މި ދިމާވަނީ ގާތްގަނޑަކަށް 4،000 ޓަނުގެ ތެލާ އެކު ޖަޕާނުގެ އެމްވީ ވަކަޝިއޯ ފަރަށް އެރުމާއި ގުޅިގެން ކަމަށެވެ.

މޮރިޝަސްގެ ފުލުހުން ބުނެފައިވަނީ، މަރުވެގެން ލެއްގި ކޯމަސްތައް މަރުވި ސަބަބު ދެނެގަތުމަށް މިހާރު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވާ ކަމަށެވެ. މިއީ އެމްވީ ވަކަޝިއޯ ފަރަށް އަރައި ގިނަ އަދަދެއްގެ ތެޔޮ ބޭރުވީފަހުން ކޯމަސް މަރުވެގެން މޮރިޝަސްގެ ގޮނޑުދައްތަކަށް ލެއްގި ފުރަތަމަ ފަހަރެވެ.
ގާތްގަނޑަކަށް 4،000 ޓަނުގެ ތެލާ އެކު އެމްވީ ވަކަޝިއޯ މޮރިޝަސްގެ ފަރަށް އެރީ ޖުލައި 25 ގަ އެވެ. އެ ބޯޓުން ކުރިން ބޭރުވި ތެލުން މޮރިޝަސްގެ ތިމާވެށި ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ. އޮގަސްޓް 6 ވަނަ ދުވަހުން ފެށިގެން ވަނީ 1،000 ޓަނުގެ ތެޔޮ ބޭރުވެފަ އެވެ



