ގިނަ އަދަދެއްގެ ތެލާ އެކު ދަތުރުކުރަމުންދިޔަ ބޯޓެއް ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސްގެ ފަރުމައްޗަށް އަރައި އޭގެން ތެޔޮ ލީކުވާން ފެށުމުން އެގައުމުން ތިމާވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.
މޮރިޝަސްއިން ތިމާވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ޗައިނާއިން ބުރެޒިލަށް ދަތުރުކުރަމުން ދިޔަ އެމްވީ ވަކަށިއޯ ނަމަކަށްކިޔާ ޖަޕާން ކުންފުންޏަކަށް ނިސްބަތްވާ ބޯޓު މިދިޔަމަހުގެ 25 ވަނަ ދުވަހު ފަރަށް އަރައި ތެޔޮ ލީކުވާން ފެށުމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި މި ބޯޓުގައި 4،000 ޓަނުގެ ތެޔޮ އެބަހުއްޓެވެ. އަދި ތެޔޮ ލީކުވަމުން ދިއުމާއި ގުޅިގެން އެސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް މިހާރުވަނީ އޭގެ ނުރައްކާތެރިކަން ފޯރަން ފަށައިފައިކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ފުރާންސުގެ ސަރުކާރުން މިހާރުވަނީ ލީކުވަމުންދާ ތެޔޮ ކޮންޓުރޯލްކުރުމުގައި މޮރިޝަސްއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.
ބޯޓުގެ ވެރިފަރާތް ކަމަށްވާ ނަގަޝިކީ ޝިޕިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތެޔޮ ބޭރުވުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މިގޮތުން "އޮއިލް ބޯމް" ވެސް ބޯޓުގެ ވަށައިގެން އަޅައިފައިވާ ކަމަށެވެ.
މޮރިޝަސްގެ ތިމާވައްޓާބެހޭ ވުޒާރާއިން ބުނެފައިވަނީ ބޯޓުގައި ހުރި ތެޔޮތައް ހުސްކުރުމަށް ކުރި މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ކާމިޔާބު ވެފައި ނުވާ ކަމަށެވެ.




