ބޭނުންވަނީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރެވޭ ވަރަށް ދަނޑުވެރިކަން ފުޅާކުރަން: ރައީސް

ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރު ކުރެވޭ މިންވަރަށް ދަނޑުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދަނޑުވެރީންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މިކަމަށް ރިޢާޔަތްކޮށް، ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދަނޑުވެރީންގެ ދުވަހުގެ ޝިއާރު އަމާޒުކޮށްފައިވަނީ "ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުން" މި ޝިޢާރުގެ މައްޗަށެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ދަނޑުވެރިކަމުގެ ސިނާޢަތަށް ޚާއްސަ އިސްކަމެއް ދެއްވާ، އެކަމަށް ވަކި ވުޒާރާއެއް އުފައްދަވާފައިވެއެވެ. މީގެ އިތުރުން ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި، އާލާތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރުމުގެ މަޤްޞަދުގައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ސަބަބުން ކާބޯތަކެތި އެތެރެކުރުމަށް ކުރާ ޚަރަދު ކުޑަކުރެވި، ޞިއްޙީގޮތުން ރައްކާތެރި ކާނާ އުފެއްދުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް ސަރުކާރުން ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ