މާއުނގޫދޫ ފެނާއި ނަރުދަމާ ނިންމާ މަގުތައް ހަދައިދޭނަން: ރައީސް

ށ. މާއުނގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާއުނގޫދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރޭގައި ކައުންސިލް އިމާރާތާއި ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 4 ފަންގިފިލާގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ސިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނައުމުގެ ގޮތުން، ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. "ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ވެގެންދާނީ އޭގެ ސަބަބުން ސިއްޙީ ޚިދުމަތްތަކެއް ދިނުމަށް ލިބިގެންދާނެ ކުރިއެރުމަކަށް" ރައީސް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ހުއްޓިފައިވާ މި މަޝްރޫޢުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން އަވަހަށް އަލުން ފަށައި، ނިންމައިދޭނެކަމަށެވެ. އަދި މި މަސައްކަތް ނިމުމުން މަގުތައް ހެދުމުގެ މަޝްރޫޢު ފެށިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ބަނދަރުގެ މަސައްކަތާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ރަށަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް، މިމަހުގެ ތެރޭގައި ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށް، މިއަހަރުގެ ތެރޭގައި އެމަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ