ލ.ގަމަށް ބަދަލުވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވި ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ ވަރަށް އަވަހަށް ޚަލާޞްކޮށްދެއްވާނެކަމަށެވެ. ރައީސް މިކަން ހާމަކުރެއްވީ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފައިސާގެ މައްސަލަ ހައްލުކުރުމަށްޓަކައި 8.45 މިލިއަން ރުފިޔާ މިހާރު ވަނީ ހަމަޖައްސާފައެވެ.

ރައީސް ވިދާޅުވީ، ލ. ގަމަކީ އެހެން ރަށްރަށުން މީހުން ބަދަލުވެ ދިރިއުޅެމުންދާ ރަށަކަށްވާއިރު، އަދުލުވެރިކަމުގެ ތެރެއިން އިންސާފު ގާއިމްނުވެ ހުރި ކަންތައްތަކެއް ހުރިކަމަށެވެ. މީހުން ބަދަލުކުރާއިރު ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައްޔިތުން މި ކަންބޮޑުވުން ހިއްސާކުރުމުން އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ފައިސާ ލިބެންޖެހޭ 169 ފަރާތެއް ރަސްމީކޮށް މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައިވާކަމަށާއި، 50,000 ރުފިޔާގެ ރޭޓުން ޖުމްލަ 8.45 މިލިއަން ރުފިޔާ މިކަމަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ހަމަޖައްސާފައިވާއިރު، ފައިސާ ދިނުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ގޮތް ރައީސް ވަނީ ތަފްސީލުކޮށްދެއްވާފައެވެ. "އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައި. ދެން ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ ޓީމެއް މިރަށަށް ދާދި އަވަހަށް އަންނާނެ. އައިސް ލިބޭ ފަރާތްތަކާއި ބައްދަލުކޮށް އެ ފަރާތްތަކާއި ތަފްސީލްތައް އިތުރަށް އޮޅުންފިލުވާ އެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި ސީދާ އެ އެކައުންޓަށް ޖަމާކުރުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ."

ބޯހިޔާވަހިކަމުގެ ދާއިރާއިން ލ. ގަމަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަހަރު ގަމުގައި ޖުމުލަ 300 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ. މީގެ ތެރޭގައި އަލަށް ސޮއިކުރި 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، މިހާރު ހިނގަމުންދާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢާއި، އިތުރު 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިމެނޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ލ. ގަން ވާނޭކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ