ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އިސްތިރާޖީ ޕްލޭންތަކެއް ހަދަންޖެހޭ: ވަޒީރު ނާޡިމް

ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާގުޅޭ އިސްތިރާޖީ ޕްލޭންތަކެއް ހަދަންޖެހޭކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަމަށް އެދިވަޑައިގަތީ "މޯލްޑިވްސް ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ކޮންފަރެންސް" ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، އެކި ޖަރާސީމުތަކާއި ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ދުރާލާ ދެނެގަނެ، އެކަމަށް ޞިއްޙީ ޚިދުމަތްތެރިން ރައްކާތެރިވުމާ ގުޅޭގޮތުން ވަނީ ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައެވެ. މިފަދަ މަޝްވަރާތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ނާޒިމް ވަނީ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަން ދިނުމަށް ގޮވާލައްވާފައެވެ.

ވަޒީރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (WHO) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ޒިޔާރަތްކުރާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް އެ ތަނުން ބައްޔެއް ޖެހެއެވެ. އެހެންކަމުން މިއީ ޞިއްޙީ ޚިދުމަތްތެރިން ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބަލި މީހުންނާއި ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.

ވަޒީރު ވިދާޅުވީ ޞިއްޙީ ޚިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުރާލާ ބަލިން ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެމަނިކުފާނު ވަނީ ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމާ ބެހޭ ކޮންފަރެންސެއް ކޮންމެ އަހަރަކު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ބޭއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ކޮންފަރެންސްތަކުގެ އަލީގައި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ޞިއްޙީ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ. "ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަގުބޮޑު ކަމެއް. އެއަށްވުރެ ބޮޑު އަގެއް ދައްކަންޖެހޭ ފެންވަރު ދަށް ޞިއްޙީ ޚިދުމަތަކަށް. ޞިއްޙީ ޚިދުމަތަކަށް އިންވެސްޓްކުރުމަކީ ޤައުމަކަށް ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓް. ޞިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން ވަނީ ޞިއްޙީ ބަޖެޓު ބޮޑުކޮށްފައި. އަދި ދަނީ މި ދާއިރާއަށް ބޮޑު ހޭދައެއް ކުރަމުން."

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (MCGH) ގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައު ބަލިތައް ތަޢާރަފުވެ، ބަލި ޖައްސާ ވަރުގަދަ ޖަރާސީމުތައް އުފެދެމުންދާއިރު، އެކަންކަމުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން MCGH ގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އިންފެކްޝަނުން ރައްކާތެރިވުމުގެ ނިޒާމުތަކެއް ޤާއިމުކޮށް، އައިޕީސީ ކޮމިޓީތަކުން ނުރައްކާތައް ދެނެގަތުމުގެ ގަވާއިދުތަކާއި އުކުޅުތައް އެކުލަވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ