ފުޓުބޯޅަ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާއާއި ފީފާގެ ރައީސް މަޝްވަރާކުރައްވައިފި

ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވީ ފީފާގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގައެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާއި، އެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ. މި ޒިޔާރަތުގައި އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އޮޅުންފިލުއްވާފައެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގެންނެވި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމުގެ އިތުރުން، އެ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ޚާއްސަ ފުޓްބޯޅަ ފެސްޓިވަލްގައިވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެޑައިގެންފައެވެ.

ފީފާގެ ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް، ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. މީގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް، އެފްއޭއެމްގެ ހިންގުން ހަރުދަނާވެ، ކުލަބުތަކުގެ މާލީ ނިޒާމާއި، ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ، ފުޓްބޯޅައިގެ ތެރޭގައި ހުނަރުވެރިން ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ