ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އޮޅުވެލިފުށްޓަށް ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އަންނަ ރަމަޟާން މަހުގެ ކުރިން ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަރަންޓުގެ މައްސަލަ ވަރަށް ގާތުން ސީދާ ރައީސް އޮފީހުން ބަލައި، ފެނަކައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން މިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްގެންދަވާނެކަމަށާއި، އެ މަޝްރޫޢުތަކާއެކު ރަށަށް ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އެގޮތުން، ރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް ފާހަގަކުރައްވާ، ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކަރަންޓުގެ މައްސަލަ ހައްލުނުވުމުގެ ސަބަބުން ނަރުދަމާ އަޅާފައި އޮތްނަމަވެސް، ނަރުދަމާއާއި ޞިއްޙީ މަރުކަޒަށް އިތުރު ކުރި ޖާގަ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އަމާޒު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، "އަމާޒަކީ މިއަހަރުގެ ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމަށްޓަކައި އަދި ސިއްޙީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން. އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން." މިއީ ރައީސް އޮފީހުން ވަރަށް ގާތުން ބަލާނެ ކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކޫލްގައި ހުއްޓިފައި ހުރި 10 ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިން މިހާތަނަށް ކުރި މަސައްކަތަށް ފައިސާ ދީފައިވާކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް ކުންފުންޏަށް އަންގާފައިވާކަމަށާއި، އިތުރަށް ބާރު އަޅާ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ކްލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުމަށް ހިމަނުއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަމުންދަނީ ވަޢުދުވެވަޑައިގެންނެވި މަސައްކަތްތައް ނިންމުމާއެކު އިތުރު ކަންކަންވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދިޔުމަށްކަމަށެވެ. އެގޮތުން، ރަށު ކައުންސިލުން ތަރައްޤީކުރާ ވޯލީކޯޓު އެޅުމަށްޓަކައި ކައުންސިލަށް ފައިސާ ދާދި އަވަހަށް ޖަމާކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި މަގު ހެދުމުގެ މަޝްރޫޢޫއެއްވެސް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެ، ހުރިހާ ދާއިރާއަކުންވެސް ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.




