ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ފާދިއްޕޮޅަށް ކުރައްވަމުން ެގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވައި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރައްވާނެ ކަންކަމުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ފުރިހަމަ ކޮށްދެއްވާނޭކަމަށެވެ. މީގެ އިތުރުން، މިހާރު ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ ކުރީގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިންނަވަރު ބްރާންޗުގެ ބިންގާ އަޅުއްވާފައެވެ. ރައީސް ވިދާޅުވީ، މި ބްރާންޗުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މާރިޗު މަހު، ޚިދުމަތް ދޭން ފަށާނޭކަމަށެވެ. އަދި މިގޮތަށް ބީއެމްއެލް ބްރާންޗުތައް ޤާއިމުކުރާ ހުރިހާ ރަށެއްގައިވެސް، ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހިންނަވަރުގައި ވަނީ އެމަނިކުފާނުގެ ވަޢުދުފުޅުތަކާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއްގެ އެކި މަރުޙަލާތައް ފައްޓަވައިދެއްވާފައެވެ. އޭގެ ތެރޭގައި ހިންނަވަރު ފުލުހުންގެ މަރުކަޒާއި، ކައުންސިލް އިދާރާގެ އައު އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމާއި، ފެނަކަ ކޯޕަރޭޝަންގެ އިމާރާތް ހުޅުއްވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި ދަނާލެއް ހިންނަވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މަގުހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ ޤާބިލިއްޔަތު އިތުރުކުރެއްވުމަށް ބޭނުންވާ އިތުރު އާލާތްތަކާއި މެޝިނަރީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ ރާއްޖެ ގެނެސް، އެއް ރަށަށް ވުރެ ގިނަ ރަށުގައި އެއްފަހަރާ މަސައްކަތްކުރެވޭނޭ މަގުފަހިކޮށްދެއްވާނޭކަމަށެވެ. އަދި ރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ބޭރު ތޮށި އުސްކޮށް، ބޭރު ތޮށީގައި އުޅަނދުފަހަރު އެޅޭނޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ރަށުގެ ކުންޏާއި ވަސީލަތް މެނޭޖުކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.




