ތުލުސްދޫ މަގު ހެދުމުގެ މަޝްރޫޢު ޖެނުއަރީމަހު ފަށާނަން: ރައީސް

ކ. ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ ޖެނުއަރީ މަހު ފަށްޓަވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށުނު މަޝްރޫޢުތައް ވަރަށް ބާރަށް ހަލުވިކަމާއެކު ކުރިއަށްގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ތުލުސްދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަސައްކަތަކީ މަގު ހެދުމުގެ މަޝްރޫޢެވެ. ރަށުގެ މަގުތައް ހަދާފައިނުވާތީ އެތައް ތަކުލީފުތަކަކާ ރައްޔިތުން ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި، އެންމެ މުހިންމު ކަމެއްދީގެން މި މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދާދި އަވަހަށް މަހެއްހާ ދުވަސްތެރޭގައި މަސައްކަތް ބަޔަކާ ހަވާލުކޮށް މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުން އަމާޒަކީ. އެންމެ ލަސްވެގެން ޖެނުއަރީ މަހު މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. މަގުތައް ހެދުން ވާނީ ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ކަމަކަށް."މަޝްރޫޢުގެ ޓައިމްލައިނާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ. 

ރައީސް މުޢިއްޒު ވަނީ ތުލުސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، ރަށުން ހިއްކާފައިވާ ސަރަހައްދުން ގޯތި ދިނުމުގެ މަސައްކަތް ފެށުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވައި، ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭގޮތަށް އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތުލުސްދޫއަށް ބޭނުންވާ މުހިންމު އިޤްތިޞާދީ އަދި ކުޅިވަރުގެ ތަރައްޤީގެ މަޝްރޫޢުތައްވެސް ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑަކާއި، ތުލުސްދޫގެ ހުޅަނގު ފަރާތުން ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ