ތުލުސްދޫ އަށާއި މަނަދޫ އަށް އެތެރެ ކުރި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ކ. ތުލުސްދޫ އަށާއި ނ. މަނަދޫ އަށް އެތެރެ ކުރި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ތުލުސްދޫއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތުލުސްދޫ ބަނދަރު ސަރަޙައްދުން ކަމަށެވެ. މިމީހާ ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ތުލުސްދޫން ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން ނ. މަނދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެ ބޯޓުން އެރަށަށް ބޭލި ފޮށިގަނޑެއް ބަލައިފާސްކޮށްފައިވާއިރު، މި ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ނަމަވެސް މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މަސްތުވާތަކެތީގެ މި ދެ މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނާއި ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ