ކ. ތުލުސްދޫގައި ކްރިސްމަސް ފާހަގަކުރުން މަނާކަމަށާއި އެފަދަ ޢަމަލެއް ހިންގާނަމަ ހުއްޓުވާނެކަމަށްވެސް އެރަށު ކައުންސިލްގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ތުލުސްދޫ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ވިދާޅުވީ، ކްރިސްމަސް ފަދަ ޣައިރު ދީންތަކުގެ މުނާސަބާތައް ފާހަގަ ކުރުމުގެ ގޮތުން ބައެއް ތަންތަނުގައި އިސްތިހާރު ތަތް ކުރުމާއި ކްރިސްމަސް ފާޙަގަ ކުރުމުގެ ގޮތުން ތަފާތު ހަފުލާތައް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާކަމަށާއި، ނަމަވެސް އެފަދަ ޙަފްލާތައް އެރަށުގައި ކުރިއަށް ގެންދިއުމަކީ މަނާކަމެއް ކަމަށެވެ.
" ދިވެހި ރާއްޖެއަކީ 100% މުސްލިމު ގައުމަކަށް ވީހިނދު މިފަދަ ގައިރުދީންތަކުގެ ދީނީ ދުވަސްތައް ފާހަގަކުރުމަކީ ޤާނޫނުންވެސް ހުއްދަ ކުރާކަމެއްނޫން" ތުލުސްދޫ ކައުންސިލުން ވިދާޅުވިއެވެ.
އަދި އެފަދަ ހަފްލާއެއް ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، އެކަންކަން ތުލުސްދޫ ކައުންސިލުން ހުއްޓުވާނެކަމަށާއި، މިހަފްލާތައް ހުއްޓުވުމުގެ ސަބަބުން ދިމާވެދާނެ އެއްވެސް ކަމަކަށް ޒިންމާ ނުވާނެކަމަށްވެސް ކައުންސިލްގެ މިއިޢުލާނުގައިވެއެވެ.



