އަންނަ އަަހަރަށް ލަފާ ކުރާ ބަޖެޓްގައި ޖުޑިޝަރީ ގްރާންޓުގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން ޖުޑިޝަރީ ގްރާންޓްގެ ގޮތުގައި 807.9 މިލިޔަން ރުފިޔާ ހިމަނައިފިއެވެ.

މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

ޝަރުޢީ ދާއިރާ މާލީ ގޮތުން މިނިވަންކުރުމަށް ފަނޑިޔާރުންނަށް އެލަވަންސެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަނީ ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރައްވާނެކަމަށް ވިދާޅުވެފައެވެ. މި ފައިސާ ކަނޑައެޅުއްވީ ސަރުކާރުން ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށް ނިންމެވުމާއެކުގައެވެ.

ބަޖެޓު ހުށައަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި ބަޖެޓުކުރެވުނު 807.9 މިލިޔަން ރުފިޔާއަކީ، މިހާރު މި ދާއިރާއަށް ކުރެވޭ ޚަރަދާ އަޅާބަލާއިރު، 250 މިލިޔަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ. މީގެ ސަބަބުން ޝަރުޢީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

އަންނަ އަހަރަށް ހުށަހަޅާ ޖުމުލަ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 39.9 ބިލިޔަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 އިންސައްތަ ކަނޑައަޅާފައިވަނީ ރިކަރަންޓް ޚަރަދަށެވެ. ރައީސް މުޢިއްޒު އިޢުލާންކުރެއްވި ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމުގެ ސިޔާސަތާ ގުޅިގެން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާ ގުޅިގެން އިތުރުވާ މުސާރައާއި އުޖޫރައިގެ ޚަރަދުތަކަކީ، އަންނަ އަހަރުގެ ޖުމްލަ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރާ ކަންތައް ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. "މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއް،" ވަޒީރު ވިދާޅުވިއެވެ. މި ބަޖެޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ