އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ މިއަހަރަށްވުރެ ކުޑަ ބަޖެޓެއް: ރައީސް

ސަރުކާރުން އަންނަ އަހަރަށް (2025) ލަފާކޮށް ހުށައެޅި ބަޖެޓަކީ ދަރަނި ދެއްކުމަށް ހިމަނާފައިވާ ބައި އުނިކުރުމުން، މިހާރު ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ ކުޑަ އަދަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޖުމްލަ ބަޖެޓުގެ އަދަދު 64.2 ބިލިޔަން ރުފިޔާއަށް އަރާއިރު، މި އަދަދު ބޮޑުވެފައިވަނީ ބޮންޑާއި ސުކޫކު އަނބުރާ ދެއްކުމަށް ނިސްބަތުން ބޮޑު ހަރަދެއް ހިމަނާފައި އޮތުމުގެ ސަބަބުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ 9.3 ބިލިޔަން ރުފިޔާގެ ހަރަދާއި ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާއެވެ. މިއީ މިހާރު ހިނގާ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓަށްވުރެ ކުޑަ އަދަދެކެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ބޮޑު އަދަދެއް އޮތުމުގެ މައިގަނޑު ސަބަބަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ މި ސަރުކާރުގެ މައްޗަށް އުފުލިފައި އޮތުމެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ނިމިދިޔަ އެއްވެސް ސަރުކާރަކުން މިހާ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހިފައެއް ނުވެއެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މި ބޮޑު ދަރަނި ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ދަށް ހާލަތެއްގައެވެ. އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވް 591 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައިވާއިރު، ޔޫޒަބަލް ރިޒާވް ހުރީ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގައެވެ. ނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތާއެކު މި ހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ސަރުކާރު ހިންގާފައިވަނީ ވިދިވިދިގެން ސާޕްލަސްގައި ނުވަތަ ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުނުކޮށެވެ.

ސާޕްލަސްގައި ސަރުކާރު ހިންގެވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަޑިއަޅާލަމުންދިޔަ ރަސްމީ ރިޒާވް މިހާރު ވަނީ 860 މިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ގޮސްފައެވެ. އަދި ޔޫޒަބަލް ރިޒާވްވެސް 200 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާކަމަށް އަންދާޒާކުރެވެއެވެ. މި އިޤްތިޞާދީ ކުރިއެރުންތަކާއެކު، އަންނަ އަހަރު އިގުތިޞާދީ ދުވެލި 5.3 ޕަސެންޓު ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އަދި 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން ޑޮލަރަށް އަދި އޭގެ ފަހުން 903.7 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށްވެސް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ