ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު: ރައީސް

ސަރުކާރުން ކޮންމެ މަޝްރޫޢެއްވެސް ކުރިއަށްގެންދާނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޒިންމާދާރުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނީ ނިޒާމުގެ ތެރެއިން، ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، ހުރިހާ އިޖުރާޢަތްތަކެއްވެސް ފުރިހަމަކޮށްގެން ކަމަށެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި 153 ކުންފުންޏަކާ 123 ރަށެއްގެ މަޝްރޫޢުތައް ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ކުންފުނިތަކަށް އެއްވެސް ދައްޗެއް ނުވާނެގޮތަށް ކަންކަން ރޭވިފައިވާ ކަމަށެވެ. މީގެކުރިން މަޝްރޫޢުތައް މަޑުޖެހިފައި ހުންނަނީ ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބިގެން ކަމުގައި ވިޔަސް، އެކަންކަން މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ހުރިހާ މަޝްރޫޢެއްގެ މަސައްކަތްވެސް ފަށައި، ހަލުވި ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މަޝްރޫޢުތަކަށް މާލީ ވުޒާރާއިންނާއި ބޭންކުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މި މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. "ވަރަށް ގިނަ ކަންކަން އެއްފަހަރާ ހާސިލްވާގޮތަށް ކަންކަން ކުރެވޭގޮތް ތަރުތީބުކޮށް، މިކުރަނީ ކޮންކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެންނަ ގޮތަށް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ފުރިހަމަ ނިޔަތުގައި ފުރިހަމަ އަޒުމުގައި މުޅި ސަރުކާރު ގުޅިގެން މި މަސައްކަތް ކުރިއަށް މިގެންދަނީ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އޮޑިޓްކޮށްފައިވާ 3 އަހަރު ދުވަހުގެ މާލީ ސްޓޭޓްމަންޓުތައް ހުށަހަޅައިގެން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް، ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މަޝްރޫޢުތައް މޮބިލައިޒް ކުރެވި، ތަވާލާއެއްގޮތަށް މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ގެދޮރުވެރިކަމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކުގައި މިހާރު ސޮއިކުރެވިފައިވާއިރު، އެ މަޝްރޫޢުތަކަށް ޚާއްސަ އިސްކަމެއް ދެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ އިންތިޒާމުތައްވެސް މިހާރު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ