ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށްޓަކައި، ސިފައިންނާއި ފުލުހުންގެ ޚިދުމަތްތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިފާޢީ ކަންކަން ބެލެހެއްޓުމަށް އަންނަ އަހަރަށް ސަރުކާރުން 2.8 ބިލިޔަން ރުފިޔާ ލަފާކުރާކަމަށާއި، މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދެއްވާނީ ޢުމްރާނީ ތަރައްޤީއަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ވޭތުވެދިޔަ ދެ އަހަރުވެސް ދިފާޢީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައެވެ. އަންނަ އަހަރަށް ބަޖެޓު ކަނޑައެޅުމުގައި ސިފައިންނާއި ފުލުހުންގެ ޚިދުމަތާއި ތަމްރީންތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިފާޢީ ކަންކަމަށް ލަފާކުރާ 2.8 ބިލިޔަން ރުފިޔާގެ ބަޖެޓަކީ މި ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ދައްކުވައިދޭ އަދަދެކެވެ.
ރައީސް ވިދާޅުވީ މާލޭގައި މިހާރު ސިފައިން ބޭނުންކުރާ ބައެއް އިމާރާތްތަކަކީ ވަރަށް ދުވަސްވެ، ބާވެފައިވާ އިމާރާތްތަކެއްކަމަށާއި، މިކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ. އަދި ތަމްރީންތައް ދިނުމަށް އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތަކަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ކަޅުތުއްކަލާ ކޮށީގެ ބާވެފައިވާ އިމާރާތްތަކުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ. "ކަޅުތުއްކަލާ ކޮށީގައި ސިފައިން ބޭނުންވާ އިމާރާތްތައްވެސް ދަނީ ބާވެ ވީރާނާވަމުން. އެކަން ނިމުމަކަށްގެނެސް ޙައްލު ހޯދައިދޭނަން. ދެކުނުން އައްޑޫ ސިޓީގައި ސިފައިންގެ ތަމްރީން މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައި. ގިރިފުށީގައިވެސް ޓްރެނިން ސެންޓަރުގެ މަސައްކަތް މިހާރު އެވަނީ ފެށިފަ"
ދިފާޢީ ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުވުމުގެ ގޮތުން ހިންގާ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްވެސް އަންނަ އަހަރުން ފެށިގެން އިތުރަށް ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގްރާމަށް 1000 ޒުވާނުންނަށް ފުރުޞަތު ދިނުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަހަރު ހުޅުވާލި 300އެއްހާ ފުރުޞަތަށްވެސް 1200އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.




