މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން ތިން ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ މި ތިން ބަލި އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދި ތާރީޚީ ކާމިޔާބީއެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ގައިން ގަޔަށް އަރާ އެކި ބަލިތަކާ ދެކޮޅަށް ރާއްޖޭގެ ސިއްޙީ ދާއިރާއިން ވަނީ ޑަބްލިއުއެޗްއޯ އާއެކު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ކުރިންވެސް ރާއްޖެއިން ވަނީ އެޗްއައިވީ އާއި ސިފިލިސް ބަލި ވަކިވަކިން ނައްތާލުމުގައި ކާމިޔާބު ހޯދާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަލިތައް ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރެއްވި ހުރިހާ ސިއްޙީ އެހީތެރިންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެއިން ވަނީ މީގެ ކުރިންވެސް މެލޭރިއާ، ހިމަބިސް އަދި ލިންފަޓިކް ފައިލޭރިއާސިސް ފަދا ނުރައްކާތެރި ބަލިތައް ނައްތާލުމުގައި ކާމިޔާބު ހޯދާފައެވެ. އަދި މިހާރުވެސް ގައިން ގަޔަށް އަރާ ބަލިތަކާ ދެކޮޅަށް ޤައުމީ ވެކްސިން ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެއެވެ.