ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.
ޖުމްހޫރީ ދުވަހުގެ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ޙާސިލްކޮށްދިނުމަށް މިސަރުކާރުން ފައްޓަވާފައިވާ ދަތުރުގައި ކުރިއަށްދާނީ މާތްﷲގެ ޙަޟްރަތުން ވާގިއެދިތިބެ އިޚްލާސްތެރިކަމާއެކުގައިކަމަށެވެ. އަދި ޑރ. މުޢިއްޒު ވަނީ ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް މިޤައުމަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ދިވެހި ޤައުމަށް ބާއްޖަވެރިކަމާއި ފާގަތިކަން ދެއްވުން އެދި އެމަނިކުފާނުވަނީ ދުޢާ ކުރައްވާފައެވެ.
ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. މިއަދު ފާހަގަކުރަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނުތާ 57 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ.



