ޢާއްމު ޞިއްޙަތުގެ މަހާސިންތާ ފަށައިފި

ޞިއްޙަތު ހަރުދަނާ ކުރުމުގެ ގޮތުން "ނެޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިންގ ޕަބްލިކް ހެލްތު: ވާރކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން" ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް މަހާސިންތާއެއް މިއަދު ފަށައިފިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ މިމަހާސިންތާ އިފްތިތާހްކޮށްދެއްވީ ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ފައިސަލް ނަސީމެވެ.

މިމަހާސިންތާއަކީ ޢާންމު ޞިއްޙަތު ކުރިއެރުވުމުގައި ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ކަމަށްވާ، ރާއްޖޭގެ އާބާދީ އެކި ޢުމުރުފުރާތަކަށް އަންނަ ބަދަލުތަކާއިއެކު އާބާދީގެ ޞިއްޙީ މައްސަލަތަކާއި، ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ މާޙައުލާއި، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމާއި މީހުންގެ ދިރިއުޅުމުގެ މާޙައުލާ ގުޅުންހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައިދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމާމެދު މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ހުރިހާ ދާއިރާތަކެއް ހިމެނިގެން މަސައްކަތް ރާވާލެވޭނެ އިންތިޒާމްތަކާބެހޭ ގޮތުން ބޭއްވޭ މަހާސިންތާއެކެވެ.

މިމަހާސިންތާގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ އެހެން ދާއިރާތަކުގެ މަސައްކަތްތަކާއި ޕްލޭންތަކާއި ޕްރޮޖެކްޓްތަކުގައި ޞިއްޙަތުގެ ކަންތައްތަކަށް ބެލުމަށާއި އެފަރާތްތަކުގެ ބައިވެރިވުން އޮތުމާ ގުޅޭގޮތުން މަދަނީ ޖަމާޢަތްތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރުމާބެހޭގޮތުންނާއި އަދި ޢާންމު ޞިއްޙަތު ހިމެނޭގޮތަށް ޞިއްޙީ ޚިދުމަތްދިނުމުގެ ކަންކަން ބައްޓަން ކުރުމާއި އާންމު ޞިއްޙަތަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، އާއްމު ޞިއްޙަތަށް ކުރާ ހޭދަ އިތުރުކުރުމަށާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް އިންސާނީ ވަސީލަތް ތަމްރީންކޮށް އެކަށީގެންވާގޮތެއްގައި ބޭނުންކުރުމާއި ބިނާކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"މި މަހާސިންތާގައި މައިގަޑު 5 ދާއިރާގެ މައްޗަށް ކަރުދާސް ހުށަހަޅާ އެކަންކަމުގެ މައްޗަށް މަޝްވަރާ ކުރެވޭނެ. މި ހުށަހެޅުންތަކުގައި ރާއްޖޭގެ ފަންނީ މާހިރުންގެ އިތުރުން ބައިނަލް އަގްވާމީ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެ." ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަހާސިންތާގައި ސަރުކާރުގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން 2019 - 2023 (ސެޕް) ގައިވާ ސިއްޙީ ދާއިރާގެ މައިގަޑު ލަނޑުދަނޑިތައް ޚާސިލް ކުރުމަށް މަގުޗާޓެއް އެކުލަވާލެވިގެން ދާނެ ކަމަށާއި، މި މަހާސިންތާގެ ސަބަބުން ސިއްޙީ ދާއިރާގެ ނަތީޖާތައް ޚާސިލް ކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށްޓަކާ ޕަބްލިކް ހެލްތް ޗާރޓާއެއްގައިވެސް ސޮއިކުރެވޭނެ ކަމަށެވެ.

މި މަހާސިންތާގައި ސަރުކާރުގެ މިނިސްޓްރީތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ޔުނިވަރސިޓީ އާއި މަދަނީ ޖަމްޢިއްޔާތަކާއި އަދި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަށް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ