ޗައިނާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) ގެ ފަރާތުން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފިއެވެ. މި ހަދިޔާ ރާއްޖެއަށް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ޗައިނާގެ ފަރާތުން މި ޕަމްޕްތައް ހަވާލުކޮށްދެއްވީ ސީއެމްއީސީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. އަދި ރާއްޖޭގެ ފަރާތުން މި ޕަމްޕްތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.
ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަދު ހަދިޔާކުރި ޖުމުލަ ޢަދަދަކީ 6 ފެންހިންދާ ޕަމްޕްއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށެވެ.
މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިިއަންހުއަރވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، ޗައިނާއިން ހަދިޔާކުރި މި ޕަމްޕްތަކާއެކު ކާރިސާގެ ވަގުތުތަކުގައި، ވަކިން ޚާއްސަކޮށް ވިއްސާރަވެ ފެންބޮޑުވެގެން ހިނގާ ޙާދިސާތަކުގައި، ފެން ހިންދުމުގެ މަސައްކަތްތަކަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އެހީތެރިކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.




