މަންދޫ ފުޓްސަލް ދަނޑު ރައީސް ހުޅުވައިދެއްވައިފި

މަންދޫ ޒުވާނުން 10 އަހަރު ވަންދެން އެދިއެދި ތިބި ފުޓްސަލް ދަނޑުގެ މަސައްކަތް އެއްމަސްތެރޭ ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

މި މަސައްކަތް ނިންމާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެންނެވެ. މިއީ މަންދޫގެ ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް އެރަށުގެ ގިނަ ރައްޔިތުން ދެކެއެވެ.

މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ ބޭނުން ކުރެވޭނެ ގޮތް ހަދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ޒުވާނުން އެދުނު ވަރަށް ބޮޑު އެދުމެކެވެ. އެގޮތުން، މިމަހު އެއަތޮޅުގައި އޮންނަ މުބާރާތަކަށް ދަނޑު ނިންމާ ދެއްވުމަށް ރައްޔިތުން ވަނީ އެދިފައެވެ. އަދި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަ ވަގުތުކޮޅަކު ނަމަވެސް ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސަށް ދައުވަތުވެސް ދެއްވާފައިވެއެވެ.

ޒުވާނުންގެ އެދުމާއި އެއްގޮތަށް ދޮޅުމަހެއްހާ ދުވަހުން މަސައްކަތް ނިންމާ މިއަދު އެ ދަނޑު ހުޅުއްވާ ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓްސަލް މެޗެއް އެދަނޑުގައި ކުޅުއްވާފައެވެ. މަންދޫގެ ޓީމަކާއެކު ކުޅުނު މި މެޗުގައި ރައީސްގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދަނޑު ހުޅުވުމަށް ވަޑައިގެން ރައީސް ރައްޔިތުންނާއިއެކު ވަގުތުކޮޅެއް ހޭދަކުރެއްވުމުން، އެރަށުގެ ޒުވާނުންގެ ފަރާތުން ވަނީ ރައީސަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައެވެ.

މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާއި ކުޅިވަރު ވުޒާރާއިން ހަވާލުކުރެއްވީ 1 އޮކްޓޫބަރުގައެވެ. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ވަށާފާރު ރާނާ ފެންސް ޖަހާ، ޓާފް އަޅައި، ރޭގަނޑުވެސް ބޭނުން ކުރެވޭ ގޮތަށް ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ވަނީ ނިންމާފައެވެ. މި ދަނޑުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މަންދޫގައި މިހާރުވެސް އަންނަނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަމުންނެވެ. އެ މަސައްކަތްވެސް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ ދަށުން އެ ދަނޑުގެ ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ