މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކުގެ ޤައިދީން ގޮޅިތަކަށް ވަންނަން އިންކާރުކުރުމާއި ގުޅިގެން ޖަލުގެ ހާލަތު ގޯސްވެ، ކަރެކްޝަންސް ސަރވިސްގެ އިމަޖެންސީ ސަޕޯޓް ގުރޫޕް (އީއެސްޖީ) ނިކުމެ ޤައިދީން ގޮޅިތަކަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އިތުބާރުހިފޭ މަސްދަރުތަކުން މިނޫހަށް ބުނެފައިވަނީ، މާފުށީ ޖަލުގެ ޔުނިޓް 9 ގައި 4 ވިންގު ހުންނައިރު، ރެއިން ފެށިގެން އޭގެ ތެރެއިން 2 ވިންގަށް ޤައިދީން ނުވަދެއެވެ. ރޭ 09:00 ގައި އެ ދެ ވިންގަށް ޤައިދީން ވައްދަން މަސައްކަތް ކުރުމުން ޤައިދީން އިންކާރު ކުރުމުން މިރެއާ ޖެހެންދެންވެސް ޤައިދީން ތިބީ ގޮޅިއަށް ނުވަދެއެވެ.
އެ ޤައިދީން ރޭގައި ގޮޅިއަށް ވަދެފައި ނުވާތީވެ މިއަދު ކޮމިޝަނަރ އޮފް ޕްރިޒަންސް ޖަލަށް ވަޑައިގެން އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައިވާއިރު، އެ ފަރާތްތައް ރުހުމުގައި ގޮޅިއަށް ވަނުމަށް އިންކާރުކުރުމުން އީއެސްޖީ އިން ހަރަކާތްތެރިވާންފެށީ މިރޭ 09:00 ގައެވެ. އެއީ ރޭގަނޑު ގޮޅިއަށް ވަންނަންޖެހޭ ގަޑިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ކަރެކްޝަންސް ސަރވިސްގެ އެދުމުގެ މަތިން މާފުށީ ޖަލުގައި ފުލުހުންގެ ބެކްއަޕް ޓީމެއް "ސްޓޭންޑްބައި" ގައި އެބަތިބި ކަމަށެވެ.
"ޖަލުގައި ކުރިއަށްދާ އޮޕަރޭޝަން ހިންގަނީ މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން. ފުލުހުން ތިބީ ސްޓޭންޑްބައިގައި." މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް ހޯދުމަށް އެ ސަރވިސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.



