ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީން) ކުރިއަށްގެންދާ "ޖާނީ ޓު ދަ ސަނީ ސައިޑް" ޕްރޮމޯޝަނުގެ ދަށުން އިންޑިއާގައި ރޯޑު ޝޯއެއް ފަށައިފި އެވެ.
އިއްޔެ ފެށި މި ރޯޑު ޝޯ ކުރިއަށް ދާނީ މި މަހުގެ 28ގެ ނިޔަލަށް އެ ގައުމުގެ ބެންގަލޫރާއި މުމްބާއީ އާއި ކޮލްކަތާ އާއި ނިއުދިއްލީ އަދި ޗަންދީގަރުގަ އެވެ. މިއީ މި ސިލްސިލާގެ ދަށުން މި އަހަރު ކުރިއަށްގެންދާ ތިންވަނަ ރޯޑު ޝޯ އެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ، ރާއްޖޭގެ 25 ކުންފުންޏަކުން މި ހަރަކާތުގައި ބައިވެރިވެފައި ވާކަމަށާއި، މި ކުންފުނިތަކަށް އިންޑިއާގެ އޮޕަރޭޓަރުންނާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި ހަރަކާތުގައި ކޮންމެ ސިޓީއަކުން ހޮވާލެވޭ ދެ މީހަކަށް ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ އިން ސްޕޮންސާކޮށްފައިވާ ދަތުރެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ މި ރޯޑު ޝޯ އަކީ އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
މިއަހަރު ތެރޭގައި އިންޑިއާ އިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު އިތުރުވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ އިންޑިއާ އެވެ.




