އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ ކުރަން ރާއްޖެ އިން ބޭރުގައި ހުރުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ 06 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން އިތުރުކޮށްދީފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ މުއްދަތުގައި ބޭސްފަރުވާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައި ނުވާތީ، އަދި ވަކިން ހާއްސަކޮށް ކެންސަރ ސްކްރީނިންއެއް ހެދުމަށް ޑޮކްޓަރު ދެއްވަފައިވާ ލަފާފުޅާއި އެއްގޮތައް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އަދީބަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އަދީބުގެ އާއިލާ އިން މިއަދު އެދިފައިވާ ކަމަށެވެ.

އެހެންކަމުން އަދީބު ބޭސްފަރުވާގެ ބޭނުމަށް ވަގުތީ ގޮތުން ޖަލުން ދޫކޮށްފައިވާ މުއްދަތު ޖުލައި 06 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރީ ކަމަށް ކަރެކްޝަނަލް ސާވިސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދީބު ރާއްޖެ އިން ބޭރުގައި ހުރުމުގެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދިން އިރު އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އިއްޔެ ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން އަދީބު އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި ދައުލަތުގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރި ވުމުގައި އިސްކޮށް އުޅުއްވި ކަމުގެ އިތުރުން ވެސް ގިނަ ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑުން ދިނީ އެއް އަހަރު ދުވަހަށެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަންފައިވަނީ ކަރެކްޝަންސްގެ ތިން އޮފިޝަލުންނާއި ފުލުހުންގެ ތިން އޮފިޝަލުންގެ ބެލުމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ