ލީކާ މާޓެންސްގެ ލަނޑަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ފޮކްސް ސްޕޯޓްސް

ވޮމެންސް ވޯލްޑްކަޕް - މާޓެންސްގެ ފަހު މިނަޓް ޕެނަލްޓީއާއެކު ނެދަލެންޑް ކުއާޓާއަށް

ފީފާ ވޮމެންސް ވޯލްޑްކަޕްގައި ރޭ ނެދަލެންޑް އަދި ޖަޕާން ބައްދަލުކުރި މެޗުގެ ފަހު މިނަޓްގައި ލިބުނު ޕެނަލްޓީއަކުން ލީކާ މާޓެންސް ކާމިޔާބުކޮށްދިން ލަނޑާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ނެދަލެންޑް ދަތުރުކޮށްފިއެވެ.

މެޗު ފެށުމާއެކު ނެދަލޭންޑްއިން މެޗު ކޮންޓްރޯލްކޮށް ކުޅެމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނަޓްގައި މާޓެންސް ލަނޑެއްޖަހައި ނެދަލޭންޑްއަށް ލީޑު ހޯދައިދިނެވެ. މާޓެންސްގެ މިލަނޑަކީ ވޯލްޑްކަޕް މެޗެއްގައި ނެދަލޭންޑްއިން އެންމެ އަވަހަށް ކާމިޔާބުކުރި ލަނޑެވެ.

ނެދަލެންޑްގެ ލަނޑާއެކު ޖަޕާނުން އާހިތްވަރަކާއެކު މެޗު އަލުން ސްޓާޓުކުރިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ޖަޕާނުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 43 ވަނަ މިނަޓްގައި ޖަޕާނުގެ ހަސެގަވާ މިލަނޑު ޖަހާފައިވަނީ އޭރިއާތެރެއަށް ދިން ބޯޅައަކަށް އަރާ، ބޯޅައަށް ނުކުތް ނެދަލެންޑް ކީޕަރުގެ އަރިމަތިން ގޯލްގެ އަރިމަތީ މަތީ ކަނަށެވެ.

ޖަޕާނަށް ލަނޑު ކާމިޔާބުކޮށްދިން ހަސެގަވާ - ފޮޓޯ: ދަ ޓެލެގްރާފް

ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުން ނެދަލޭންޑް މޮޅުވީ ފަހު މިނަޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުރި ލަނޑަކާއެކުގައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖަޕާން ޑިފެންޑަރެއް އަތުގައި ބޯޅަ ޖެހުމުން ދިން މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސްޖެހި މާޓެންސްއެވެ.

ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ފަހު ހާފުގައި ލިބެގެންދިޔަ ޖަޕާނުގެ ކޯޗު މެޗަށްފަހު ބުނެފައިވަނީ މެޗުގައި ޓީމު ދެއްކީ މޮޅު ކުޅުމެއްކަމަށާއި، ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މެޗުން ދައްވީ ކަމަށެވެ. އަދި މިބަލި ޤަބޫލުކުރާކަމަށްވެސް ކޯޗުވަނީ ބުނެފައެވެ.

2015 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް ކުޅެފައިވާ ޖަޕާން، މިމުބާރާތުން ކެޓުމާއެކު ދެން ވިސްނުން ހުންނާނީ 2020 ވަނަ އަހަރު ޓޯކިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް އަށެވެ.

ކުއާޓާ ފައިނަލްގައި ނެދަލެންޑް ބައްދަލުކުރަންޖެހޭނީ އިޓަލީއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ