ޖޫން މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރި، ޝާހިދު ކަޕޫރުގެ ފިލްމް "ކަބީރު ސިންހް" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
"ކަބީރު ސިންހް" ރިލީޒްކުރިތާ އެންމެ 5 ދުވަސް ތެރޭގައި ފިލްމަށް 100 ކްރޯޑް ރުޕީސް ގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ޝާހިދުގެ ފިލްމީ ހަޔާތުގައި އޭނަގެ ފިލްމަކަށް މިވަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
ޝާހިދު ކަޕޫރާއެކު ކިއާރާ އަދްވާނީ އަންހެން ލީޑުން ފެނިގެންދާ މި ފިލްމްގައި ދައްކުވައިދެނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މީހެއްގެ ދިރިއުޅުން ހަލާކުވެގެންދާ ގޮތެވެ.
ފިލްމް އެޅުވިތާ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހީކުރިވަރަށް ވުރެ ބޮޑު ތަރުޙީބެއް ފިލްމަށް ލިބިފައިވާއިރު، ފިލްމް ބެލި ގިނަބަޔަކު ވަނީ މި ފިލްމަށް ތަޢުރީފްކޮށްފައެވެ.
"ކަބީރު ސިންހް" އަކީ ތެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ރީމޭކެކެވެ.




