ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޖޫން 18 ވަނަ ދުވަހު ގެއްލުނު ޝައިމް ޢަބްދުﷲ ފިލާފައިވަނީ އެ ހިޔާގެ ކުޑަދޮރަކުން ޖެހިގެން ހުރި ފުރާޅަކަށް ފުއްމާލައިގެންކަމަށް ބެލެވޭ ކަމުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީ ވިދާޅުވެއްޖެއެވެ.
ޝައިމް ގެއްލުނު މައްސަލައިގެ މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުން ޝިދާތާ ވިލދާޅުވީ ޝައިމް ނިދާ ކޮޓަރިއާޖެހިގެން ހުރި ކޮޓަރީގައި މަރާމާތު ތަކެއް ކުރެވެމުންދާކަމަށާއި، ޝައިމް ފިލާފައިވަނީ އެ ކޮޓަރީގައި ހުރި ކުޑަދޮރަކުން ޖެހިގެން ހުރި ފުރާޅަށް ފުއްމާލައިގެން ކަމަށް ބެލެވޭ ކަމުގައެވެ. ނަމަވެސް މިނިސްޓަރ އެކަން ޖަގީންކޮށްދެއްވާފައެއް ނުވެއެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ކުރިން އެތާގެ ފާރުމަތިން އަރާއުޅޭ ކަމަށާއި ނަމަވެސް މިހާރު އެކަން ބަދަލުކޮށްފައިވާކަމަށެވެ. އަދި ކުދިންގެ އުޅުމަށްވެސް މިހާރު ވަނީ ރަންގަޅު ބަދަލުތަކެއްއައިސްފައިކަން ޝިދާތާވަނީ ފާހަގަ ކޮށްފައެވެ.