އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަ ކުރައްވައިފިއެވެ.
ފުލުހުން މިއަދު މެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން، އެ މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހެޅުމާއި ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާކަމަށާއި އަދި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށްވެސް ދައްކާ، ސައިކޮލޮޖިކަލް ރިޕޯރޓާއި މައްސަލަ އާއި ގުޅިގެން
ހަދަން ޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް ކުރަންދާކަމަށެވެ.
މީގެ އިތުރުން މި ކުޑަ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން ކުރަމުން ދާކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް
ކުރަމުންގެންދާކަމަށާއި، މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ ކުޑަކުދިންނާއި މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ އެ ފަރާތުން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަތަކަށްވާތީ، މިބާވަތުގެ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ލަސްނުކޮށް ފެމެލީ
އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށާއި ޗައިލްޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގެ ހިލޭ ގުޅޭ ނަންބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކޮށްފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި އިޙްމާލު ވުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ ވަރަށް ގިނަވެފައެވެ.