ހދ.ނޮޅިވަރަމުން ގެވަޅު ދޫކުރުން ލަސްވެ، ގެވަޅަށް އެދި އެރަށު ރައްޔިތުން ކައުންސިލް އިދާރާ ދޮރުމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ.
ގެވަޅޫ ދޫކުރުން ލަސްވެފައިވާ މައްސަލައިގައި ރައްޔިތުންގެ ބަޔަކު ނިކުމެ އިހުތިޖާޖުކުރަން ފެށިއިރު، އެފަރާތްތަކުން ތަފާތު ޝުއޫރުތަކުގެ ބެނާތަކާއި، ބޯޑުތައް ބޭނުންކުރާތަން ލިބިފައިވާ ފޮޓޯތަކުން ފެނެއެވެ.

ނޮޅިވަރަމުން ވާހަކަދެއްކި ފަރާތްތަކުން ބުނީ 2011 ވަނަ އަހަރުން ފެށިގެން އެރަށުން ގެވަޅު ދޫކޮށްފައި ނުވާއިރު، ގެވަޅަށް އެދޭ އެތައް ސަތޭކަ ރައްޔިތުން އެރަށުގައި އެބަތިބި ކަމަށެވެ.
މުޒާހަރާގައި ތިބި ބައެއް އާއްމު ރައްޔިތުން ބުނީ، ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ތެރޭގައި ނޮޅިވަރަން ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ވިދާޅުވެފައިވަނީ ގެވަޅު ދޫކުރަން ކުރަންޖެހޭ އެންމެހާ ކަންކަން ކުރެވިފައިވާ ކަމަށާއި، އޭރުން ފެށިގެން އިތުރަށް ލަސްވާ ކޮންމެ ލަސްވުމަކީ ކައުންސިލްގެ ދޯދިޔާކަން ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ އެރަށު ކައުންސިލަށް ހުއްދަ ލިބިފައިވަނީ 50 ގޯތި ދޫކުރުމަށެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބާ ކައިރިވެފައި ވަނިކޮށް 75 ގޯތި ދޫކުރުމުގެ ހުއްދަ އޭރުގެ ސަރުކާރުން ދިނެވެ. އެއަށްފަހު ގެވަޅު ދޫކުރާނެ ގޮތުގެ ޗާޓު އާއްމުންނާ ޙިއްޞާކުރުމުން އެއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއެކު އަލުން އެކުލަވާލިއެވެ.
ގެވަޅަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިދިޔަ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ހަމަވެފައިވާއިރު، 75 ގެވަޅަށް އެދި 400 އަށްވުރެ ފަރާތުން ވަނީ ފޯމު ހުށަހަޅާފައެވެ. އެއަށްފަހު ގެވަޅު ކޮމިޓީ އެކުލަވާލައި ގެވަޅު ދޫކުރުން ލަސްވެފައިވާތީ މިއަދު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މުޒާހަރާ ކުރަނީކަމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތަކުން މިނޫހަށް މައުލޫމާތު ދެއްވިއެވެ.

"1000 މީހުން ގެދޮރުނެތި، ބޯހިޔާވަހިކަން ހޯދަދީ" މުޒާހަރާގެ ބައިވެރިއެއް ގެންގުޅުނު ބޯޑުގައި ލިޔެފައިވެއެވެ.
ނޮޅިވަރަން ކައުންސިލްގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ، މިއަދު ހިނގާދިޔަ ކަންކަން މުޒާހަރާއެއްގެ ގޮތުގައި ސިފަ ނުކުރެވެ ކަމަށާއި، އެއީ އާއްމު ރައްޔިތުންގެ ޝުއޫރު ފާޅުކުރީ ކަމަށެވެ. އަދި ބޯޑުތަކާއި ބެނާތައް އެއީ ކޮންމެ މީހަކު ވާހަކަދައްކަން ފަސޭހަކަމަކަށް ނުވާނެތީވެ ކުރި ކަމެއްގެ ގޮތުގައި ބެލެވޭކަމަށްވެސް ނަސީރު ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ގެވަޅު ދޫކުރުން ލަސްވެފައިވަނީ ގެވަޅަށް އެދި ނޮޅިވަރަން ކައުންސިލަށް ފޯމުލީ 360 ފަރާތުގެ މައުލޫމާތު އަތޮޅުކައުންސިލްތަކުން ސާފުކޮސްދިނުން ލަސްވެފައިވާތީ ކަމަށާއި، މަޢުލޫމާތު ނުލިބިވާ 3 އަތޮޅުންވެސް މިއަދުގެ ނިޔަލަށް އެ މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އަންގާފައިވާ ކަމަށެވެ.

"އެ މަޢުލޫމާޓު ލިބުނުހާ އަވަހަކަށް ގެވަޅު ދޫކުރުމުގެ ކޮމިޓީ މަރުޚަލާ ފެށިގެންދާނެ. ގެވަޅު ދޫކުރުމުގެ ހުއްދަ ލިބިފައިވަނީ 75 ފަރާތަކަށް. ނަމަވެސް އެ އަދަދު އިތުރު ކުރެވޭތޯވެސް ވަރަށް މަސައްކަތް ކުރިން. މިހާރު ސަރުކާރުން ވިދާޅުވެފައިވަނީ 75 ގެވަޅު ދޫކޮށްފައި އަލުން އެދުމަށް." ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ކައުންސިލް އިދާރާއަށް މިހާރު ރައްޔިތުން އެއްވެފައި ނެތްކަމަށާއި، ރައްޔިތުންނާއި، ދެމެދުވެސް ނުތަނަވަސްކަމެއް ނެތަކަމަށް ނޮޅިވަރަން ކައުންސިލްގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވިއެވެ. ނަމަވެސް އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ އަދިވެސް ކައުންސިލް އިދާރާ ކައިރީގައި ޝުއޫރުފާޅުކުރަމުންދާ ކަމަށެވެ.





ހިޔާލު
ހެހެހެ ހެޑްލައިން