"ދޯސްތާނާ 2"ގައި "ޖާންވީ" އަދި "ކާރްތިކް"

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ދެވަނަ ބައިގެ ބަތަލުންނަށް "ޖާންވީ ކަޕޫރް" އަދި "ކާރްތިކް" އާރްޔަން ހަމަޖައްސައިފިއެވެ.

"ދޯސްތާނާ 2" ގައި ފެނިގެންދާނެ ބަތަލުންނާއި ބެހޭގޮތުން މީގެ ކުރިން އެތައް ވާހަކަތަކެއް ދެކެވިފައިވަނިކޮށް، ދޯސްތާނާގެ ދެވަނަ ބައިން ފެނިގެންދާނީ ޖާންވީ އަދި ކާރްތިކް ކަން، ކަރަން ޖޯހަރް މިވަނީ ކަށަވަރުކޮށްދީ އިއުލާންވެސް ކޮށްފައެވެ.

އެހެންނަމަވެސް ދޯސްތާނާގެ ދެވަނަ ބައިން ތިންވަނަ ބަތަލެއްގެ ގޮތުގައި ފެނިގެންދާނެ އެކްޓަރު އަދި ޔަގީންނުވާއިރު، ކަރަން ބުނީ ފިލްމް އިން ދެން ފެނިގެންދާނެ އެކްޓަރަކީ މުޅިން އާ ފަންނާނެއްކަމަށެވެ.

ދޯސްތާނާ ގެ ފުރަތަމަ ބައިން ޕްރިޔަންކާ ޗޯޕްރާ އާއި އަބީޝޭކް ބައްޗަން އަދި ޖޯން އަބްރަހަމް ފެނިގެންގޮސްފައިވާއިރު، މި ފިލްމް ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދައިފައެވެ.

ދޯސްތާނާގެ ދެވަނަ ބައެއް ގެނެސްދޭން އުޅޭ ކަމުގެ ހަބަރުތައް މީގެ ކުރިން އެތައް ފަހަރަކު ދެކެވިފައިވަނިކޮށް، ކަރަންވަނީ މިދިޔަ ބުދަ ދުވަހު "ދޯސްތާނާ 2" ގެނެސްދޭނެކަން ވީޑިއޯ އަކުން ކަށަވަރުކޮށްދީފައެވެ.

"ދޯސްތާނާ 2" ގައި މިފަހަރު ފެނިގެންދާ ބަތަލާ ޖާންވީ އަކީ ކަރަން ޖޯހަރުގެ ފިލްމް "ދަޅަކް" އިން މި ދާއިރާއަށް ތަޢާރަފްވި ބަތަލެކެވެ. އަދި މިއީ ފިލްމްގެ ބަތަލު ކާރްތިކް، ކަރަން ޖޯހަރުގެ ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ