އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2019 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތައްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 65 މައްސަލައެއް ވަނީ ބަލާ ނިންމާފައިކަމަށާއި، އަދި 2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 160 މައްސަލައެއް އެކޮމިޝަނުން ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ މައްސަލަތައްކަމަށާއި އެގޮތުން، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ ތުހުމަތުކުރެވޭ 63 މައްސަލައެއް ވަނީ ނިންމާފައެވެ. އަދި ނާޖާއިޒު ފައިދާ ހޯދުމުގެ 26 މައްސަލައެއް ނިންމާފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. މީގެއިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ތުހުމަތުކުރެވޭ 3 މައްސަލައެއް މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބަލާ ނިންމާފައެވެ.



