ދިވެހި ޙައްޖުވެރިންތަކެއް - ފޮޓޯ: ސަން

ޙައްޖަށް މީހުން ގެންދިއުމުގެ ފުރުޞަތު މިނާ ގުރޫޕަށް ދޭން ނިންމައިފި

މިނާ ޙައްޖު އެންޑް އުމްރާއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތްތައް މަޑުޖައްސާލަން އެންގުމަށްފަހު، އަލުން އެ މަސައްކަތްކަތް ކުރިއަށް ގެންދިއުމަށް މިނާ ގުރޫޕަށް ފުރުޞަތު ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުުންފުނިތަކަށް ހުއްދަ ދިނުމުގައި މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ކޮމިޝަނުން އެ މައްސަލަ ބަލަމުންދާކަން މިނިސްޓްރީއަށް އަންގާފައިވާތީ، މިނިސްޓްރީން ވަކިގޮތެއް އަންގަންސެން ޙައްޖަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދައިގެ ދަށުން އެއްވެސް ކަމެއް ނުކުރުމަށް މިނާ ގުރޫޕަށް އަންގާފައިވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ނަމަވެސް ޚާލަތާއި ވަގުތަށް ބެލުމަށްފަހު ދައުލަތުގެ ބަންޑާރަނައިބާއި، އޭސީސީ އާއި މަޝްވަރާ ކުރުމަށްފަހު، ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މިކަން ކުރުމަށް ލަފާދެއްވާފައިވާތީ، މިއަހަރުގެ ޚައްޖަށް މީހުން ގެންދިއުމަށް މިނާ ގުރޫޕަށް އަންގައި، މަސައްކަތްތައް ކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ.

"މި އެންގުމާ ގުޅިގެން، މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް މިނިޓެޑަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، އެކަމުގެ ޝަކުވާ މިނ މިނިސްޓްރީއަށް ލިބިފައިވާތީއާއި، މިހާލަތުގައި އެ ފަރާތުގެ ހުއްދަ ބާޠިލުކޮށް އެހެން ކުންފުންޏެއް މެދުވެރިކޮށް ޚައްޖަށް ފޮނުވުމަކީ، މާލީގޮތުން ދައުލަތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއް ކަމަކަށްވާތީއާއި، އަދި ޙައްޖަށް ގެންދިއުމުގެ ވަގުތު ކުޑަތަންވެފައިވާތީ، މިވަގުތު އިތުރު ކުންފުންޏަކަށް ހުއްދަ ދިން ނަމަވެސް، އިންތިޒާމްތައް ހަމަނުޖެހި، ޙައްޖަށް މީހުން ނުގެންދެވިދާނެކަމުގެ ބިރުވެރިކަން އޮތަތީއާއި، މިނާ ޙައްޖު ޢުމްރާ ޕްރައިވެތް ލިމިޓެޑަށް ފައިސާ ދައްކާފައިވާ މީހުން އެހެން ކުންފުންޏެއް މެދުވެރިކޮށް ގެންދާނަމަ، ޙައްޖުވެރިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ހިމާޔަތްކޮށް ނުދެވިދާނެކަމަށް މި މިނިސްޓްރީއަށް ފެންނާތީވެ، މިކަމާ ގުޅޭގޮތުން އޭސީސީ އާއި ދައުލަތުގެ ބަންޑާރަނައިބާއި މަޝްވަރާކޮށް، ވަގުތާއި ޚާލަތަށް ރިޢާޔަތްކޮށް، ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް އެ ފަރާތްތަކުން ފަލާދެއްވާފައިވާތީ، 1440 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އެ މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާނެކަން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ އެންމެހައި ފަރާތްތަކަށާއި، އެންމެހައި ދިވެހި ރައްޔިތުންގެ މަޢުލޫމާތަށްތަކައި ދެންނެވިން." އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިފަދަ ކަމެއް ތަކުރާރު ނުވާނެގޮތަށް، ޙައްޖުގެ ކަންކަން ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރާނެކަމުގެ ޔަޤީންކަން އެ މިނިސްޓްރީން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ދިމާވި އެންމެހާ ދަތިތަކަށްޓަކައި ޙައްޖުވެރިންނާއި، ކަމާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން އިސްލާމިކް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ